Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޝަމީމަށް ދިން ހަމަލާ: އިބޫގެ ޓްވީޓާ ގުޅިގެން ސުވާލުކުރަނީ

ފޮޓޯ: ރައީސް އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ދޭހަވާގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޕޯސްޓާއި ގުޅިގެން އެކަމުގެ އިތުރު މައުލޫމާތު ހޯދުމަށް އެމަނިކުފާނާ ސުވާލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމަށް މިއަދު ބަޔަކު ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައިވަނީ އެ އަމަލު ކުށްވެރި ކުރައްވާފައެވެ. އަދި ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ މަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ހަމަނުޖެހުން ހިންގަން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ރައީސް ސޯލިހް އެކްސްގައި ކުރެއްވި މި ޕޯސްޓާއި ގުޅިގެން ހޯމް މިނިސްޓަރު އިހުސާން އެކްސްގައި ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދީފައިވާ ހަމަލާއެއްކަމަށް ކުރީގެ ރައީސް ސޯލިހް ވިދާޅުވެފައިވާތީ އެމަނިކުފާނަށް މި ހަމަލާދިން ސަބަބާއި މީހުންނާ ގުޅޭ އިތުބާރު ހުރި މައުލޫމާތު އެނގޭކަމަށް ބެލެވޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު އިހުސާން ވަނީ މި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެން ހުންނެވިނަމަ އެކަން އަވަހަށް ފުލުހުންނަށް ހިއްސާ ކުރެއްވުމަށް ރައީސް ސޯލިހްގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ މިކަމާ ގުޅިގެން ކުރީގެ ރައީސް ސޯލިހްގެ އޮފީހާ ކޯޑިނޭޓްކުރުމަށް އިންވެސްޓިގޭޓަރުންނަށް އަންގަވާފައިވާ ކަމަށެވެ. މި މައްސަލައަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގަމުންދާ ތަހުގީގު ކަމަށާއި މިކަންކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. މި ހަމަލާއާ ގުޅިގެން ޕީޖީ ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.