Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އިންތިހާބަށް 5 މުއައްސަސާއަކާއެކު ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި 5 މުއައްސަސާއަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިލެކްޝަންސް ކޮމިޝަނުން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތް، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، މޯލްޑިވްސް ޕޯސްޓް، ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި ސިވިލް ސާވިސް ކޮމިޝަނާއެކުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުވާދް ތައުފީގް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ބުރަބޮޑުވާނެ އިންތިހާބެއް ކަމަށެވެ. ފުވާދް ވިދާޅުވީ އީސީން ބާއްވާ އިންތިހާބުތަކުގެ އިތުބާރު ބޮޑުވަނީ ހަމައެކަނި އީސީގެ މަސައްކަތުން ނޫންކަމަށާއި އެއިންތިހާބުތައް ފުރިހަމަ ގޮތުގައި ހިންގުމުގައި އެހެން މުއައްސަސާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

މަޖިލިސް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިއޮތީ ރޯދަ މަހުގައިކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ ރޯދައިގެ ފަހުން އިންތިހާބު ބެއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ބައެއް މަޖިލިސް މެންބަރުންގެ ފަރާތުން މައުލޫމާތު ލިބޭކަމަށެވެ. ފުވާދު ވިދާޅުވީ ދުވަސް ބަދަލުވާނަމަ ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް އަލުން ދޭންޖެހޭނެ ކަމަށާއި އެހެންކަމުން ބަދަލެއް އަންނަނަމަ ހުރިހާ މުއައްސަސާއަކަށްވެސް އެކަންކަން އެނގިފައި އޮތުން މުހިންމު ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 17އިގައެވެ.