އެނބުރި ރަސްމީ މަސައްކަތަށް ނުކުންނަވާނީ މާގަދަކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމަށް މިއަދު ހެނދުނު ބަޔަކު ހަމަލާ ދިނުމާ ގުޅިގެން އޭޑިކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. އަދި މިހާރު ވަނި ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
ޝަމީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހަމަލާއާ ގުޅިގެން އޭނާގެ ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އޭނާ އެނބުރި މަސައްކަތަށް ނުކުންނަވާނީ މާގަދަކޮށް ކަމަށެވެ. އަދި ދުވުމާއި ބައިސްކަލު ދުއްވުމާއި ފެތުމަށް އެނބުރި އަންނާނީ މާ ވަރުގަދަކޮށްކަމަށެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މައްސަލައަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގަމުންދާ ތަހުގީގު ކަމަށާއި މިކަންކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.