Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އަނިޔާވެރި އަމަލު ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް- ފޮޓޯ: ރައީސް އޮފީސް

ޓެރަރިސްޓް އަދި އަނިޔާވެރި އަމަލު ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދިވެހި ސަރުކާރުން މިފަދައިން ބުނެފައިވަނީ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ދިން ހަމަލާއާ ގުޅިގެން އެކަން ކުށްވެރިކޮށެވެ. ސަރުކާރުގެ ފަރާތުން "އައްޑޫލައިވް"އަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ، ޕީޖީ ޝަމީމަށް ދިން ނުރައްކާތެެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ. މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރަން." ސަރުކާރުން ބުނެފައިވެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މައްސަލައަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގަމުންދާ ތަހުގީގު ކަމަށާއި މިކަންކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.