ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު މޯހިތު ސޫރީ މުޅިން އަލަށް، އެ އިންޑަސްޓްރީގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ފިލްމެއް ޑައިރެކްޓްކުރަން ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ މިއީ ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.
ވައިއާރްއެފަކީ ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ލޯބީގެ ފިލްމުތަކެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ޕްރޮޑަކްޝަން ހައުސްއެކެވެ. އޭނަ 2012 ގައި މަރުވި ފަހުން އެތަނުގެ ހުރިހާ ޒިންމާތަކެއް މިހާރު ނަގަމުން އަންނަނީ ދޮށީ ދަރިފުޅު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އެވެ. ދިލްވާލާ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްބަތޭ" ފަދަ ފިލްމުތައް ގެނެސްދިން އަދިތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.
ވައިއާރްއެފާ މޯހިތު ގުޅުނު އިރު، އޭނަ މިހާތަނަށް ގިނަ ފިލްމުތައް ހެދީ އާއިލީ ގޮތުން ގުޅުން އޮންނަ ބަޓް ކޭމްޕަށެވެ. މޯހިތު ޑައިރެކްޓްކުރި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2"، "ހާފް ގާލްފްރެންޑް"، "މަލަންގް"، "އޭކް ވިލަން"، "ޒެހެރު"، އަދި "ހަމާރީ އަދޫރީ ކަހާނީ" ހިމެނެ އެވެ.
އޭނަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2022 ގެ "އޭކް ވިލަން ރިޓާންސް" އެވެ.