Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

މިނިސްޓްރީ އޮފް އަންޖެންޓްލްމޭންލީ ވޯފެއާ

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިނގިރޭސި ޑައިރެކްޓަރު ގައި ރިޗީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއްގެ ތެރެއަށް ފީނައި ގެނެސްދޭން އުޅޭ "މިނިސްޓްރީ އޮފް އަންޖެންޓްލްމޭންލީ ވޯފެއާ" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ އެޕްރީލް 19 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައިވާ މި ފިލްމަކީ ސްޕައި އެކްޝަން ފިލްމެކެވެ. މީގެ މައިގަނޑު ތަރި އަކީ ކުރިން ވެސް ރިޗީއާ އެކީ މަސައްކަތްކޮށްފައިވާ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް އެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2015 ގެ ސްޕައި ފިލްމު "ދަ މޭން ފްރޮމް ޔޫ.އެން.ސީ.އެލް.އީ" އެވެ.

"މިނިސްޓްރީ އޮފް އަންޖެންޓްލްމޭންލީ ވޯފެއާ" އަކީ ޑެމިއަން ލުވިސްގެ 2014 ގެ ފޮތް "ޗާޗިލްސް ސީކްރެޓް ވޮރިއާސް: ދި އެކްސްޕްލޯސިވް ޓުރޫ ސްޓޯރީ އޮފް ދަ ސްޕެޝަލް ފޯސެސް ޑެސްޕެރެޑޯސް އޮފް ވޯލްޑް ވޯ 2" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ މެޑޯނާގެ ކުރީގެ ފިރިމީހާ، ރިޗީ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޝާލޮކް ހޯމްސް"، "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް"، "އަލައްދިން"، "ދަ ޖެންޓްލްމެން" އަދި "ވުރެތު އޮފް މޭން" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ކޮވެނަންޓް" އެވެ.