އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި 19،000 ކުޑަކުދިން ޔަތީމުވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޗިލްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.
ޔުނިސެފް ފަލަސްތީނުގެ ޗީފް އޮފް ކޮމިއުނިކޭޝަންސް ޖޮނަތަން ކްރިކް ވިދާޅުވީ މިހާތަނަށް 19،000 ކުޑަކުދިން ޔަތީމުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި މީގެތެރެއިން ގިނަ ކުދިން ފެނިފައިވަނީ ބޮން އެޅުމުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ކަމަށެވެ. އަދި އިޒްރޭލުގެ ޗެކްޕޮއިންޓުތަކުންނާއި، ހޮސްޕިޓަލު އަދި މަގުމަތިން ވެސް ބައެއް ކުދިން ފެނިފައިވާ ކަމަށް ކްރިކް ވިދާޅުވި އެވެ.
މީގެތެރެއިން އެންމެ ކުޑަ ކުދިންނަށް ރަނގަޅަށް ނަން ވެސް ކިޔަން ނޭނގޭ ކަމަށާއި އަދި އުމުރުން ތަންކޮޅެއް މަތީގެ ކުދިން ވެސް ތިބީ ހަމަލާތަކުގެ ސަބަބުން ޝޮކެއްގައި ކަމަށް ވިދާޅުވި އެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އާއިލާތަކާ ހަމައަށް މި ކުދިން ގެންގޮސްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަދި އާއިލާގެ މެމްބަރުން ފެނުނު ނަމަވެސް އެ ފަރާތްތައް ވެސް މިވަގުތު ތިވީ މިފަދަ ކުދިންތަކެއް ބެލޭނެ ހާލަތެއްގައި ވެސް ނޫން ކަމަށް ކްރިކް ވިދާޅުވި އެވެ.
"އެމީހުން އެބަޖެހޭ ފުރަތަމަ އެމީހުންގެ އަމިއްލަ ދަރިންނަށް ވެސް އަޅާލަން. އެހެންވީމަ އެހެން އާއިލީ ކުދިންނަށް އަޅާލުމުގައި މިވަގުތު އެފަދަ ފަރާތްތަކަށް ވެސް ދަތިތަކެއް އެބަހުރި،" ކްރިކް ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.