Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ލިވަޕޫލުން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

ޗެލްސީ 4-1 އިން ބަލިކުރުމަށްފަހު ލިވަޕޫލުން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 21 މެޗުން ލިބުނު 46 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި އޮތް އާސެނަލަށް ވެސް ޕޮއިންޓު ލިބިފައިވަނީ ހަމަ އެ އަދަދަށެވެ. ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗަކީ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން އެ ކްލަބުގެ ޔާގަން ކްލޮޕް އިއުލާންކުރި ފަހުން ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިވަޕޫލަށް ދިން މި މެޗުގެ 23 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 39 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ ފުލްބެކް ކޯނާ ބްރެޑްލީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑާވިން ނުނޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި ޑޮމިނިކް ސޮބޯސްލާއީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 71 ވަނަ މިނެޓްގައި ޗެލްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރުވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ތިންވަނައިގައި އޮތް އާސެނަލްއާ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި ހަތަރުވަނައިގައި އޮތް ޓޮޓެންހަމުން ވަނީ ފަހަތުން އަރައި 3-2 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރި ހޯދާފަ އެވެ.