ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ އެކީގައި ކުޅެން އޮތް ފިލްމު "ދަ ކިންގް" މި ވަގުތަށް ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަންނަ މަހު ނުވަތަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްގެން އުޅުނު ފިލްމު ނަހަދައި މަޑުޖައްސައިލަން ނިންމީ ޝާހްރުކާ ގުޅުވައިގެން ދަރިފުޅަށް އަމާޒުވެދާނެ ފާޑުކިޔުންތަކާއި އަޅާކިޔުމުގެ ކަންތައްގަނޑަކާ ވެސް ކުރިމަތިލާން ޖެހިދާނެތީ އެވެ. އެހެންވެ ޝާހްރުކް ބައިވެރި ނުވާ ޕްރޮޖެކްޓްތަކުގައި ސުހާނާ ހިއްސާވާން ޝާހްރުކް ބޭނުންވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ސުހާނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ.
ސުހާނާގެ ފުރަތަމަ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އެވެ. އޭގައި އޭނަ ދެއްކި އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ. ވަކިން ހާއްސަކޮށް ހިންދީ ބަހުން ރީއްޗަށް ވާހަކަ ދައްކަން ނޭނގޭ ކަމަށް ބުނެ، އެ ފިލްމު ތައާރަފުކުރި ޒުވާން ގިނަ އެކްޓަރުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝާހްރުކާއި ސުހާނާ އެކީގައި ކުޅެން ޕްލޭންކުރި "ދަ ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު މާފްލިކްސް ގުޅިގެން ހަދަން ނިންމި އެކްޝަން ތުރިލާއެކެވެ. އަދި އޭގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް ކަމަށް ވެސް ނޫސްތަކުން ބުނެފައިވެ އެވެ.
އެކަމަކު "ދަ ކިންގް" އާ ބެހޭ އެއްވެސް މައުލޫމާތެއް ޝާހްރުކްގެ ފަރާތުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ ޝާހްރުކްގެ ފަރާތުން ލިބޭނެ ޚަބަރަކަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި 58 އަހަރުގެ އެކްޓަރު ވަނީ މާޗް ނުވަތަ އެޕްރީލްގައި އާ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށާއި އެ ފިލްމު ވާނީ އޭނަގެ އުމުރާ ވަރަށް ގުޅޭ ރޯލެއް ކުޅޭނެ އެއްޗަކަށް ކަމަށް ބުނެފަ އެވެ.