ޕާކިސްތާންގެ އާންމު އިންތިހާބު ބާއްވަން ހަފުތާއަކަށްވެފައި ވަނިކޮށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކެންޑިޑޭޓަކަށް ބަޑިން ހަމަލާދީ އިއްޔެ އަވަހާރަކޮށްލައިފި އެވެ.
ކެމްޕޭންގައި އުޅުއްވަނިކޮށް ބަޖޫރު ޑިސްޓްރިކްޓްގައި އިއްޔެ އަވަހާރަކޮށްލީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އަށް ނިސްބަތްވާ ރިހާން ޒައިބު ޚާނެވެ. އޭނަ އަވަހާރަކޮށްލަން ދިން ހަމަލާގައި، ހަތަރު އެހީތެރިއަކު ވެސް ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ މީހުންނަށް އަންނަނީ ހޮސްޕިޓަލްފައި ފަރުބާ ދެމުންނެވެ.
ރިހާން އިންތިހާބަށް އަމިއްލަ ގޮތުން ނުކުންނަން ނިންމެވީ ޕީޓީއައިގެ ޓިކެޓް ލިބިވަޑައިނުގަތުމުންނެވެ. އޭނަ އަވަހާރަކޮށްލުމާ އިންތިހާބު ބޯމަތިވެފައި އޮއްވައި ޕާކިސްތާންގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެދާނެކަމުގެ ބިރު ވެސް މިހާރު އޮތީ ބޮޑުވެފަ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އޮތް ނުރައްކާ ވަރަށް ބޮޑެވެ. އެގޮތުން އިއްޔެ ވެސް އިތުރު އެހެން ދެ ކެންޑިޑޭޓަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވެ އެވެ.

ރިހާން އަވަހާރަކޮށްލި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ.
ޕާކިސްތާން ގައުމުގެ އާންމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 8 ގަ އެވެ.
މި އިންތިހާބާ ދިމާކޮށް އިމްރާނަށް ވަނީ 14 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.