Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

އިންޑިއާ މީހުން ޗުއްޓީ އަށް ދާންވީ ލަންކާ އަށް

އިންޑިއާ މީހުން ގައުމުން ބޭރަށް ޗުއްޓީ އަށް ދާ ނަމަ ދާންވީ އަވައްޓެރި ސްރީ ލަންކާ އަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރް ވިދާޅުވެއްޖެ އެވެ.

"އިންޑިއާސް ރޯލް އިން ދަ ގްލޯބަލް ސްޓޭޖް" ގެ ނަމުގައި އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް) އިން ބޭއްވި އިިވެންޓްގައި ދަރިވަރުންތަކެއްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނަ ވިދާޅުވީ އެންމެ އެންމެ މުހިއްމު އެއް ވާހަކަ އަކީ ގައުމުން ބޭރަށް ޗުއްޓީ އަށް ދާ ނަމަ ލަންކާ ހިޔާރުކުރާށޭ އެވެ.

"މިއީ ވަރަށް ސީރިއަސްކޮށް ބުނާ އެއްޗެއް. އަދި މިއީ އިންޑިއާގެ ހުރިހާ އެންމެންގެ ފަރާތުން އެދޭ އެދުމެއް ވެސް މެ." ޖެއިޝަންކަރް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ޗުއްޓީ އަށް އިންޑިއާ މީހުން ލަންކާ އަށް ދާ މިންވަރު އިތުރުކުރެވިއްޖެ ނަމަ މިކަމަކީ އަޑިއަޅާލާފައި އޮތް އެ ގައުމުގެ އިގުތިުސާދު ހަމައަކަށް އަޅުވަން ކުރަމުން އަންނަ މަސައްކަތްތަކަށް އިންޑިއާ އިން ދެވޭނެ ވަރަށް ބޮޑު އެހީތެރި ކަމަކަށް ވެސް ވާނެ އެވެ. އެހެންވެ ގައުމުން ބޭރަށް ޗުއްޓީ އަށް ދާ ނަމަ އެންމެ ގާތުން ހިޔާރުކުރުން އެންމެ ރަނގަޅު ގައުމަކީ ލަންކާ ކަމަށް ޖެއިޝަންކަރް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެއްޓުނު އިގުސާދީ އަދި މާލީ ބޮޑު ވަޅުގަނޑުގެ ސަބަބުން އެ ގައުމަށް އުފުލަން ޖެހުނު ބުރަ އާއި ތަކުލީފު ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި އެެ ދުވަސްވަރު އިންޑިއާ އަކީ ލަންކާގެ އެންމެ ބޮޑު މަދަދުވެރިޔާ ކަމަށާއި އެ ގޮތުގައި އެ ގައުމު ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެމެން އިންޑިއާ ރައްޔިތުންގެ އެހީއާ އެކީ ލަންކާގެ އިގުތިސާދަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެވޭނެ." ޖެއިޝަންކަރް ވިދާޅުވި އެވެ.

އިންޑިއާ މީހުން ޗުއްޓީ އަށް ލަންކާ އަށް ދާން އެ ގައުމުގެ ފޮރިން މިނިސްޓަރު އެދިވަޑައިގަތް އިރު، މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެ ގައުމުންނެވެ. ނަމަވެސް އިންޑިއާ މިހާރު އޮތީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމުގެ ކެމްޕޭނެއްގެ ތެރޭގަ އެވެ.