Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ބައްސާމަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް - ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފިއެވެ.

އެފްއޭއެމްގެ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށް ފުލުހުން ތަޙްޤީޤުކުރަމުންދާ މައްސަލައެކެވެ. މިމައްސަލައިގެ ތަޙްޤީޤު އަދިވެސް ކުރިއަށްދާތީ އިތުރު ބައިތަކުގެ ތަހުގީގު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެ ކަމަސް ޕީޖީން މައުލޫމާތުދެއެވެ.

އެފްއޭއެމްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ހިޔާނާޓްތެރިވުމުގެ ދައުވާއާއި މަނީލޯންޑްރިންގެ ދައުވާއެވެ.

ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10,000.00 ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004.00 ޑޮލަރު ގެ ޓްރާންސްފަރ ކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބޭންކް ޗަރޖަސްގެ ގޮތުގައި 5.00 ޑޮލަރު އުނިކުރުމަށްފަހު 9,999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ޑޮލަރު ވިއްކައިގެން ލިބުނު ފައިސާކަމަށް ލިޔެފައިވީނަމަވެސް، 9,999.00 ޑޮލަރުއަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތްކަމަށެވެ. އަދި މިފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެއިތުރުން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910.00 ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ. އަދި އެ ފައިސާގެ ތެރެއިން 2,000.00 ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީން މައުލޫމާތުދެއެވެ.

މީގެއިތުރުން އެފް.އޭ.އެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. އެހެންކަމުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ ކަމަށް ޕީޖީން މައުލުމާތުދެއެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.