Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޝަމީމަށް ހަމަލާ ދީގެން 2 މީހަކު ހައްޔަރުކޮށްފި

ޕީޖީ ހުސައިން ޝަމީމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ފޮޓޯ-

ޕްރޮސިކިއުޓާ ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އިއްޔަ ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޕީޖީއަށް ހަމަލާދިން މައްސަލައިގައި ދެމީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސީޕީ ޝުޖާއު ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރުޕޯޓްކުރުމާއެކު ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކުރި މި ހަމަލާގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދުމަށް ކަމަށެވެ. ސީޕީ ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ސީޕީ ވިދާޅުވީ މި ހަމަލާ ދީފައިވަނި މޫނު ނިވާކޮށްގެން ހަމަލާދިނީ ކާކުކަން ނޭންގޭގޮތަށް ވަރަށް ރޭވިގެން ދެވުނު ހަމަލާއެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއްނުވެއެވެ.

މި ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ނާޒިފް ވިދާޅުވީ، ހައްޔަރުކުރި ދެ މީހުން ހައްޔަރަށް ގެނެވި ތަހުގީގު ކުރެވެމުންދާކަމަށެވެ. އަދި މި ދެމީހުން ހައްޔަރު ކުރެވުނު ނަމަވެސް، މީގެ ފަހަތުގައި އިތުރު ބަޔަކު ތިބެދާނެކަމަށްބަލާ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ނާޒިފް ވިދާޅުވިއެވެ.