މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ދިވެހި ފިލްމު "ކަންބަޅި" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
މިއީ އައި ފިލްމްސް އިން ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މިދިޔަ އަހަރުގެ "ނީނާ" އާއި 2019 ގެ "ބަވަތި" ގެނެސްދިން ސްޓޫޑިއޯގެ "ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ގެ ސްކްރީންޕްލޭއަކަށް އޭނަ އާއި ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު އިފްނާޒް ފިރާގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
މީގެ ކާސްޓްގައި ނުޒުހަތު ޝުއައިބާއި ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގް ހިމެނެ އެވެ. އަދި "ކަންބަޅި" ގެ ވަރަށް މުހިއްމު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.
އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ މިދިޔަ މަހުގެ 6-31 އަށް ދެއްކި ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.