Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށް ދިނީ މައިނޫ

ކޯބީ މައިނޫ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، ފަހު ވަގުތުގައި ކޯބީ މައިނޫ ޖެހި ގޯލުން 4-3 އިން ޔުނައިޓެޑް މެޗު ކާމިޔާބުކޮށްފި އެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 22 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ވުލްވްސް އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ރަސްމުސް ހޮއިލުންޑް ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕަބްލޯ ސަރާބިއާ ވަނީ ވުލްވްސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ވުލްވްސް އިން ގޯލު ޖެހިތާ ހަތަރު މިނެޓް ފަހުން ސްކޮޓް މެކްޓޮމިނޭ ވަނީ ޔުނައިޓެޑަށް އަލުން ދެ ގޯލުގެ ލީޑެއް ނަގާދީފަ އެވެ. މެޗުގެ 85 ވަނަ މިނެޓްގައި މެކްސް ކިލްމަން ވުލްވްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެޑްރޯ ނެޓޯ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑް މޮޅުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ކޯބީ މައިނޫ އެވެ. މައިނޫ މި ގޯލު ކާމިޔާބު ކުރީ ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހަށް ފަހު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ވުލްވްސް ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާ އެވެ. ވުލްވްސް ނިކުންނާނީ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށެވެ.