Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ރޮނާލްޑޯގެ ޓީމުން މެސީގެ ޓީމު ކޮޅަށް 6 ލަނޑު

އެކުވެރިކަމުގެ މެޗެއްގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން 6-0 އިން ލިއޮނެލް މެސީ ކުޅޭ އެމެރިކާގެ އިންޓަ މިއާމީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ކުޅެފައި ނުވާ އިރު މެސީ މި މެޗުގައި ކުޅެން އެރީ، މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. މެސީ ވެސް މިވަގުތު އަންނަނީ އަނިޔާ އަކުން ރަނގަޅުވަމުންނެވެ.

ސައުދީގައި ކުޅުނު މި މެޗުގައި އަލް ނަސްރުން ޖެހި ހަ ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް އެޓީމުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަލް ނަސްރުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ އޮޓާވިއޯ އާއި އަޔަމެރިކް ލަޕޯޓުގެ އިތުރުން މުހައްމަދު މަރާން އެވެ.

މިއީ އިންޓަ މިއާމީގެ އިންޓަނޭޝަނަލް ޕްރީ ސީޒަން ޓުއާގެ ތެރެއިން ކުޅުނު މެޗެކެވެ. އިންޓަ މިއާމީ ވަނީ މިދިޔަ ހޯމަ ދުވަހު ސައުދީ ލީގުގެ އެއްވަނައިގައި އޮތް އަލް ހިލާލް އަތުން 4-3 އިން ބަލިވެފަ އެވެ.