Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ދިވެހި އުމްރާވެރިންގެ ދަތުރުތަކަށް ހައި ސްޕީޑް ރޭލު

ހައްޖު ކޯޕަރޭޝަނާ ގުޅިގެން އުމްރާ އަށް ދާ މީހުން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރުތައް ހައި ސްޕީޑް ރޭލުގައި ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ ފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މައްކާއިން މަދީނާ އަށް އަދި މަދީނާއިން މައްކާ އަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައި ސްޕީޑް ޓްރެއިން ބޭނުންކުރަން މިހާރު އޮތީ ނިންމައިފައި ކަމަށެވެ. އަދި މިއީ އިތުރު އަގަކާއި ނުލާައި އުމްރާ ވެރިންނަށް ހަމަޖެިގެން ދޮޔަ ފުރުސަތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"ކުރިއަށް ރާވާފައިވާ ހުރިހާ ޢުމްރާ ދަތުރުތަކެއްގައި ވެސް މަދީނާ ދަތުރު ކުރާނީ ޓްރެއިންގައިކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން." އެތަނުން ބުންޏެވެ. "މީގެ ސަބަބުން ޢުމްރާވެރިން މަދީނާ ދަތުރުގައި ތަހައްމަލު ކުރަމުން ދިޔަ ބުރައަށް ވަރަށް ބޮޑު ލުއި ކަމެއް ލިބިގެން ދާނެ."

މައްކާ އާއި މަދީނާއާ ދެމެދު އުމްރާވެރިން ކުރާ ބަސް ދަތުރަކީ 6-8 ގަޑިއިރުގެ ދަތުރުތަކެވެ. ނަމަވެސް ހައި ސްޕީޑް ރޭލުގައި މި ދަތުރަށް ނަގަނީ ކޮޅަކަށް ގާތްގަނޑަކަށް 2 ގަޑިއިރު ނުވަތަ 2 ގަޑިއިރާއި 20 މިނިޓެވެ.

ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާ އަށް ދެ އެވެ.