އިންޑިއާގެ ބަތަލާ ޕޫނަމް ޕާންޑޭ ރަހިމުގެ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 32 އަހަރުގެ ބަތަލާ/މޮޑެލް މަރުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ޕޫނަމްގެ މަރާ ގުޅިގެން އިންޑަސްރީގެ ބައެއް މީހުން ހިތާމަފާޅުކޮށް، ކެންސަރާ މެދު ހޭލުންތެރިވުމުގެ މުހިއްމުކަން ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތު ހިމެނެ އެވެ.
އާންމުންގެ ތެރޭގައި ޕޫނަމް އެންމެ ބޮޑަށް މަޝްހޫރީ ނިވާކަން ކުޑަކޮށް ހެދުން އަޅައި، ހަށިގަނޑުގެ ވަނާތައް ފާޅުކުރަން އާދަވެފައިވާ މީހެއްގެ ގޮތުގަ އެވެ. ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕޫނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނަޝާ"، "ލަވް އިޒް ޕޮއިޒަން" އަދި "ޖާނީ އޮފް ކަރްމާ" ހިމެނެ އެވެ.
ޕޫނަމް ދެ ރިއަލިޓީ ޝޯއެއްގައި ވެސް ވާދަކޮށްފައިވެ އެވެ. އެއީ ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 4 ވަނަ ސީޒަނާއި 2022 ގައި ކަންގަނާ ހޯސްޓްކުރި "ލޮކަޕް" އެވެ.
ޕޫނަމް 2020 ގައި ސޭމް ބޮމްބޭ ކިޔާ މީހަކާ ކައިވެނި ވެސް ކުރި އެވެ. އެކަމަކު އޭނަގެ ފަރާތުން ގެވެނިއަނިޔާ ލިބޭ ކަމަށް ބުނެ އެ ކައިވެނި 2021 ގައި ރޫޅައިލި އެވެ.