އާލިއާ ބަޓް ލީޑްކުރާ ގޮތަށް ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ހަދަން ނިންމާފައިވާ އަންހެން ޖާސޫސީ އެޖެންޓުންގެ ފިލްމަށް ޑައިރެކްޓަރަކު މިހާރު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މީގެ ޑައިރެކްޓަރަކަށް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ހޮވާފައި ވަނީ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް ކަމަށެވެ. އޭނަ އަކީ ދާދި ފަހުން ވައިއާރްއެފުން ގެނެސްދިން ވެބް ސީރީޒް "ދަ ރެއިލްވޭމެން" ގެ ވެސް ޑައިރެކްޓަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ސްޓޫޑިއޯގެ "ސްޕައި ޔުނިވާސް" އަށް އާލިއާ އެކީ ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ވަރަށް މުހިއްމު ރޯލެއް ޝަރުވާރީ ވާގް ވެސް ކުޅޭނެ އެވެ. އޭނަ އަކީ އެ ވައިއާރްއެފްގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުކުރި ބަތަލާއެކެވެ.
ޕިންކްވިލާ އިން ބުނީ އާލިއާ އާއި ޝަރްވާރީގެ ފިލްމުގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އާލިއާ މިހާރު އަންނަނީ ޑައިރެކްޓަރު ވަސަން ބާލާގެ "ޖިގްރާ" ގެ މަސައްކަތް ކުރަމުންނެވެ. މިއީ މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ.
އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާގެ ސްޕައި ޔުނިވާސް ފިލްމު ވާނީ ވައިއާރްއެފަށް އޭނަ ކުޅޭ ފުރަތަމަ ފިލްމަށެވެ.
އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކީ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗަޒާއި ރިތިކް ރޯޝަންގެ "ވޯ" ގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" އެވެ.