Last Updated: June 5, 22:30
Saturday, June 6, 2026
މުނިފޫހިފިލުވުން

ވިޖޭ ވެސް ސިޔާސީ ޕާޓީއެއް އުފައްދަނީ

އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ވެސް ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.

މިކަން އިއްޔެ ސޯޝަލް މީޑިއާގައި އިއުލާންކޮށް 49 އަހަރުގެ އެކްޓަރު ބުނީ ޕާޓީ އަށް ކިޔަން ނިންމާފައިވާ ނަމަކީ "ތަމީޒާގާ ވެއްޓްރީ ކަޒަގަމް" ކަމަށާއި ޕާޓީ ރަޖިސްޓްރީކުރަން މިހާރު އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އިންޑިއާގެ ދެކުނުގެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ވިޖޭ ބުނީ އޭނަގެ ސިޔާސީ ޕާޓީ އަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ އަދި ކޮރަޕްޝަނާއި ފަސާދަ ފަދަ ބޮޑެތި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާނެ ވަރަށް ޒިންމާދާރު ޕާޓީއަކަށް ވާނެ ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާޓީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2026 ގައި ބާއްވަން ހަމަޖެހިފައި އޮތް އެސެމްބްލީ އިލެކްޝަނަށް ވާދަކޮށް، ގިނަ ގޮނޑީތަކެއް ހޯދުމެވެ.

"އަހަރެމެންގެ ޕާޓީ އަކީ ރައްޔިތުން ބޭނުންވާ އަސާސީ ހެޔޮ ބަދަލުތަކެއް ސިޔާސީ ދާއިރާ އަށް ގެންނަން މަސައްކަތް ކުރާނެ ލާޓީއެއް،" ވިޖޭ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ސިޔާސީ މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭ ވަރަށް ފަހި ފުރުސަތެއް."

މިހާތަނަށް 70 އާ ގާތްކުރާ އަދަދަކަށް ފިލްމުތައް ކުޅެފައިވާ އަދި އާންމުން "ތަލަޕަތީ ވިޖޭ" ގެ ނަމުން މުހާތަބުކުރާ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކާމިޔާބު އެކްޝަން ތުރިލާ "ލިއޯ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ ސައިންސް ފިކްޝަން އެކްޝަން ފިލްމު ދަ ގްރޭޓެސް އޮފް އޯލް ޓައިމް (ގޯޓް) އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ތެރެއިން ސިޔާސީ ޕާޓީ އުފައްދާފައިވާ ތަރިންގެ ތެރޭގައި ރަޖްނީކާންތާއި ކަމަލް ހަސަން ވެސް ހިމެނެ އެވެ.