ފެންވަރު ރަނގަޅު ދިވެހި އެތުލީޓުން ބިނާކުރުމަށް އެކުލަވާލާ ދުރު ރާސްތާ ޕްލޭނުގެ މަސައްކަތް ބައިނަލްއަގުވާމީ ކުޅިވަރު ތަޖުރިބާކާރުންނާ އެކީ ފަށައިފި އެވެ.
ރޭ ފެށި މި ޕްލޭނުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުންތައް 7 ދުވަހަށް ދެމިގެން ދާނެ އެވެ.
ފުރަތަމަ ބައްދަލުވުމެއްގެ ގޮތުގައި އޮތީ ޕްލޭންގެ އިސް ފަރާތްތައް ކަމަށްވާ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ) އާއި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް، ސްޕޯޓްސް ކައުންސިލް އަދި އެޑިއުކޭޝަން މިނިސްޓްރީގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
އަމާޒަކީ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނެއް 20 އަހަރަށް ހާއްސަކޮށް ފަރުމާކުރުމެވެ.
މިފަދަ ފްލޭނެއް ހަދަން ނިންމިކަން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އިއުލާން ކުރެއްވީ ޑިސެމްބަރު މަހު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެތުލީޓްސް ފޯރަމްގަ އެވެ. އޭރު މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންގެ މުސްތަގުބަލަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ.