ޑާންސް ޝޯއެއްގެ ޖަޖެއްގެ ގޮތުގައި މުޅިން އަލަށް ބެލުންތެރިންނާ ބައްދަލު ކުރަން ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ތައްޔާރުވެއްޖެ އެވެ.
އޭނަ ޖަޖެއްގެ ގޮތުގައި ބައިވެރިވާ މި ޝޯ އަކީ މިރޭ ކަލާސް ޓީވީން ފަށާ އެ ޗެނެލްގެ "ޑާންސް ދީވާނޭ" ގެ ހަތަރު ވަނަ ސީޒަނެވެ. މީގެ އަނެއް ޖަޖަކީ ކުރީގެ ތިން ސީޒަންގައި ވެސް މަސައްކަތްކޮށްފައިވާ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓެވެ. މިއީ ސުނިލް އާއި މަދޫރީ އެކީގައި އެއް ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެހެންވެ ފިލްމަކުން މިހާތަނަށް މި ދެ ތަރިންގެ ކެމިސްޓްރީ ބަލައިލަން ނުލިބުނަސް "ޑާންސް ދީވާނޭ 4" އިން ސުނިލް އާއި މަދޫރީ ކެމިސްޓްރީ ފެނިގެން ދާނެ ކަމަށް ގަބޫލުކުރެވެ އެވެ.
މި ޝޯގެ ޕްރީމިއާ އޮތީ މިރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ. ޝޯގެ ހޯސްޓަކީ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އެވެ.
"ޑާންސް ދީވާނޭ" އަކީ ތިން ޖީލަކަށް ނިސްބަތްވާ މީހުންނާ އެކީ ގެނެސްދޭ ވަރަށް މަގުބޫލު ޝޯއެކެވެ. މީގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2018 ގަ އެވެ.