Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ ޑައިރެކްޓަރުގެ ފިލްމެއް ސަލްމާނަށް

ޑިސެމްބަރުގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމެއް ސަލްމާނަށް ހުށަހަޅައިފި އެވެ.

ފިލްމުފެއާ އިން ބުނީ 58 އަހަރުގެ އެކްޓަރަށް ހުށަހެޅީ ޑާކް ކްރައިމް ތުރިލާއެއް ކަމަށާއި އެއަށް އަށް ސަލްމާން ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

"އެނިމަލް" އަށް ފަހު ސަންދީޕް ހަދާ ގޮތަށް އޮތީ ޕްރަބާސްއާ އެކީ ހަދަން އިއުލާންކޮށްފައި އޮތް "ސްޕިރިޓް" އެވެ. މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް އިއްޔެ ބައެއް މީޑިއާތަކުން ބުނީ ޑިސެމްބަރުގައި ރިލީޒްކުރި "ސަލާރް" އަށް ފަހު، ޕްރަބާސް މިހާރު ހުރީ މާޗާ ހަމައަށް މަސައްކަތްތަކުން ބްރޭކެއް ނަގައިގެން ކަމަށެވެ.

ސަލްމާނަށް ވަންގާ ފިލްމެއް ހުށަހެޅި އިރު ޝާހްރުކް ޚާނާ އެކީ ވެސް ހެދުމުގެ ޝައުގުވެރިކަން އޭނަ ފާޅުކޮށްފައިވެ އެވެ.

"އެނިމަލް" ގެ ކާމިޔާބި އަށް ފަހު އޭގެ ދެވަނަ ބައި "އެނިމަލް ޕާކް" ހަދަން ވެސް އޮތީ ޕްލޭންކޮށްފަ އެވެ. ސަންދީޕަކީ 2019 ގައި ޝާހިދު ކަޕޫރާ އެކީ "ކަބީރް ސިންގް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ސޮއިކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވަތަނީ ފިލްމު "ދަ ބުލް" ގެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ. ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރި "ޓައިގާ 3" އެވެ.