Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ރޯދައިގެ ފަހުން ޒަމާނީ މާރުކޭޓެއްގެ މަސައްކަތް ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

މިހާރު ހުރި ލޯކަލް މާރުކޭޓު ރޫޅާލާ އެތަނުގައި ޒަމާނީ މާރުކޭޓެއް ބިނާކުރުމުގެ މަސައްކަތް ރޯދަ މަހަށްފަހު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގައިހުރި ދަތުރުވެރިންގެ މާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓުވެސް ހުރީ އެންމެ އެކަށޭނަ ފެންވަރެއްގައި ނޫން ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު އަދ ލޯކަލް މާރުކޭޓުގެ ބަދަލުގައި މިހާރު ލޯކަލް މާރުކޭޓު ހުރިތަނުގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް އިމާރާތްކުރުމަށް ސަރުކާރުން ސިޓީކައުންސިލަށް މަގުފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. ހަތަރު ބުރީގެ އެ މާރުކޭޓުގައި މަސްމާރުކޭޓު ވެސް އަދި ލޯކަލް މާރުކޭޓާ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތި ވެސް ވިއްކޭގެ ޖާގަ ހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެ މާރުކޭޓުގެ މަސައްކަތް މި އޭޕްރިލް މަހު، އިރާދަކުރެއްވިއްޔާ ރޯދަމަސް ނިމިގެން މިހާރު ހުރި ލޯކަލް މާރުކޭޓް ރޫޅާލާފަ، އެތަނުގައި މަސައްކަތް ފެށިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހިންނަށް ދޫކުރާ ގޮޅިތައް ބިދޭސީން ހިންގާ މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލައަކީ ސަރުކާރުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ހައްލުވެގެންދާނެ މައްސަލައެއް ކަމަށެވެ. އަދި އާ މާރުކޭޓް އެޅިގެންދާއިރު އެ މައްސަލައަށް އެއްކޮށް ހައްލެއް ލިބޭނެ ކަމަށެވެ.