ރަންވީރް ސިންގް ހިމަނައިގެން ހަދަން ނިންމާފައިވާ "ޑޮން 3' ގެ ޝޫޓިން ފަށާނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އޮގަސްޓަށް ތާވަލުކޮށްފައިވާ އިރު، ފިލްމާ ގުޅޭ މުހިއްމު ގިނަ ތައްޔާރީތަކެއް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. "ޑޮން 3" އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް 8 ގަ އެވެ.
މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ.
"ޑޮން 3" އަށް ތައްތާރީތައްވަމުން އަންނަ އިރު، ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި ކަށަވަރެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލުން، ޝާހްރުކް ޚާން ހިމަނައިގެން ފަރުހާން ގެނެސްދިން 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަދި ފިލްމުގެ ބަތަލާއިންގެ ރޯލު ފެނިދާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ކްރިތީ ސެނަން ވެސް ހިމެނެ އެވެ.
މިދިޔަ މަހު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޑޮން 3" ގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.
އެކަމަކު ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން، ފިލްމު ޕްރޮޑިއުސްކުރާ އެކްސެލް އެންޓަޓައިންމަންޓުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.