ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ދެކުނު ކޮރެއާގެ ސީރީޒް "ސްކައިޑް ގޭމް" ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފި އެވެ.
އެ ގެނެސްދޭ ނެޓްފްލިކްސް އިން ޓީޒާއެއް އާންމުކޮށް، ސީރީޒްގެ ބައެއް ކެރެކްޓާތަކުގެ ފަސްޓްލުކް ސްޓިލްތަކެއް ވެސް އާންމުކޮށްފައިވެ އެވެ. މި އަހަރު "ސްކްއިޑް ގޭމް 2" ގެނެސްދޭން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ދެހާސް އެކާވީހުގައި ގެނެސްދިން މީގެ ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ރަސްމީކޮށް އިއުލާންކުރީ 2022 ގަ އެވެ. އަދި އޭގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނުވަ އެޕިސޯޑް އެކުލެވޭ "ސްކްއިޑް ގޭމް" އަކީ ސަވައިވަލް ތުރިލާއެއްގެ ގޮތުގައި ވަންގް ޑޮންގް-ހީކް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދިން އެއްޗެކެވެ.
މީގައި ދައްކުވައި ދީފައި ވަނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން ދިރިއުޅުން "ނުރައްކަލަށް" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.
ކުރީގެ މުހިއްމު ގިނަ ކާސްޓުންނާއި އަދި އާ ކާސްޓުންނާ ވެސް އެކީ "ސްކައިޑް ގޭމް 2" ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މީ ސީޒަންގައި ކިތައް އެޕިސޯޑް ހިމެނޭނެ ކަމެއް އަދި ނޭނގެ އެވެ.