އާމިރު ޚާން ޕްރޮޑިއުސްކޮށް، އޭނަގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކުރި ކޮމެޑީ ޑްރާމާ "ލާޕަތާ ލޭޑީސް" އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މީގެ ޓްރެއިލާ ވެސް އާންމުކޮށް، ފިލްމުގެ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. އިންޑިއާގެ ރަށްފުށުގެ ވާހަކައެއް ކިޔައިދޭނެ "ލާޕަތާ ލޭޑީސް" ގައި ދައްކުވައި ދޭނީ ޒުވާނަކު ކައިވެނިކޮށްގެން ގެންނަ އަންހެން މީހާ އާއިލާ އަށް ތައާރަފުކޮށްދޭ އިރު، އެއީ އޭނަ އިންނަން އުޅުނު މީހާ ނޫންކަން އެނގޭ ހިސާބުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކެވެ.
ލީޑަށް މަޝްހޫރު ނޫން ކާސްޓެއް ހިމަނައިގެން ހަދާފައިވާ މި ފިލްމުގެ ރޯލުތައް ކުޅެފައި ވަނީ އާތިޝޭ ޖެއިން އާހިލް އާއި ޝިވަމް ގަވަރިއާގެ އިތުރުން ނިތަންޝީ ގޮއެލް އެވެ. އެކަމަކު "ލާޕަތާ ލޭޑީސް" ގެ ރޯލެއް މަޝްހޫރު އެކްޓަރެއް ކަމަށްވާ ރަވީ ކިޝަން ކުޅައިފައިވެ އެވެ.
ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކިރަން އިއްޔެ ބުނީ ރަވީ ކުޅުނު ފުލުސް ކެރެކްޓާ އަށް އާމިރު ކުޅެން ބޭނުންވެގެން އޮޑިޝަން ހެދި ކަމަށެވެ. އެކަމަކު އޭނަ ފިލްމުގައި ނުހިމަނަން ނިންމި ނިންމުމަކީ އަމިއްލަ ނިމްމުމެއް ކަމަށް ކިރަން ބުންޏެވެ.
"ލާޕަތާ ލޭޑީސް" އަކީ ކިރަންގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަ ފުރަތަމަ ޑައިރެކްޓްކުރި ފިލްމަކީ އާމިރު ވެސް ރޯލެއް ކުޅުނު 2010 ގެ "ދޯބީ ގާތު" އެވެ.
އާމިރާއި ކިރަންގެ ކައިވެނި 2021 ގައި ރޫޅިފައިވީ ނަމަވެސް އެ ދެ މީހުންގެ މެދުގައި ވަރަށް ގާތްކޮށް ޕްރޮފެޝަނަލް ގުޅުން އޮވެ އެވެ. އެ ދެ މީހުންގެ ދަރިޔަކު ވެސް ހުރެ އެވެ. އެއީ މިހާރު 11 އަހަރުގެ އާޒާދު ރާއޯ ޚާނެވެ. ކިރަން އަކީ އާމިރު ދެވަނަ އަށް ކައިވެނިކުރި މީހާ އެވެ.