Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ގޯތި ލިބުނު އެންމެނަށް ރަޖިސްޓްރީ ދޫކުރާނަން

ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުން ގޯތި ލިބުނު ހުރިހާ މީހުންނަށް އެކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުޅީފަޅުން އަދި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށް ދޭންޖެހޭ ލިޔެކިޔުން ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ނުހިއްކާއޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ވަގުތީ ލިޔުންވެސް ދޫކުރާނެ ކަމަށާއި، ޤާނޫނީގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިއްކުމުން ކަމަށެވެ.

"ގުޅީފަޅުންވިޔަސް ގިރާވަރުފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ދޫކޮށްފަހުރި ގޯތިތައްވިޔަސް، ހުރިހާ އެންމެނަށް، އެއްވެސް މީހަކު ބާކީނުވެ، ހުރިހާ އެންމެނަށް ލިޔުމާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޮއްޗަށް އެދި 15،164 ފޯމް ހުށަހެޅިއިރު އޭގެތެރޭގައި ޖޮއިންޓް އެޕްލިކޭޝަންތަކާއިއެކު 23،088 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ގެޒެޓްކޮށްފައިވާ ވަގުތީ ލިސްޓުގައިވަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.