ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި މަޖިލީހުގެ ނައީބުރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު އެ ދެބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކަން ހިނގާދިޔަ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ.
ޖުމުލަ 23 މެންބަރުން ސޮއިކޮށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމް އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އަސްލަމް، މަޖިލީހުގެ ރައީސްގެ މަގާމުގައި ދެމި ހުރުމަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާތީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ކަމަށް ބުނެފައިވެއެވެ.