ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ.
އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވެވުމެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ" ކަމަށެވެ.
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގެ އިތުރުން މާދަމާ މެންދުރު 02:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމުވެ.