Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ރޯދައިގެ ފަހު 10 ބަންދުުވާނެކަން ރަސްމީކޮށް އިއުލާނުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ކަނޑައަޅުއްވާފައިވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"މިގޮތަށް ހަމަޖެއްސެވުމުން، 1445 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެމަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަކީ އެމަނިިކުފާނުގެ ރިޔާސީ ވައުދުގައި ހިމެނޭ ކަމެކެވެ. އަދި މި ނިންމެވުމާ ގުޅިގެން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.