Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާ 1.9 ބިލިއަނަށް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ 2022 ވަނަ އަހަރު އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އަހަރު ނިމުނު އިރު، އެބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އަދި އަހަރު ނިމުނުއިރު ޖުމްލަ އެސެޓުވަނީ 45.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.6 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަނީ 5 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އެކު 20 އަތޮޅުގައި 38 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެކު، ބީއެމްއެލްއިން ދަނީ ޒަމާނީ އޮންލައިން ބޭންކިންއެއްގެ ޚިދުމަތްދެމުންނެވެ.