Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

19 އަހަރު ފަހުން "ބްލެކް" ސްޓްރީމިން އަށް

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާތަނަށް ގެނެސްދިން އެންމެ ތަފާތު ފިލްމު ކަމަށްވާ "ބްލެކް" ރިލީޒްކުރިތާ 19 އަހަރު ފަހުން އެ ފިލްމު މިއަދު ސްޓްރީމިން ދޫކޮށްލައިފި އެވެ.

ދެހާސް ފަހެއްގައި ރިލީޒްކުރި މި ފިލްމު ނެޓްފްލިކްސް އިން މިހާރު ބަލައިލެވޭނެ އެވެ.

ރާނީ މުކަރްޖީ އާއި އަމީތާބް ބައްޗަން މުހިއްމު ރޯލުތައް ކުޅުނު "ބްލެކް" އަކީ ލޯފަން އަދި ބީރު ޒުވާން އަންހެނަކާއި އުމުރުން ދުވަސްވީ ޓީޗަރަކާ ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ އެއްޗެކެވެ. މި ފިލްމުގެ ގިނަ ޑައިލޮގްތައް ހިމެނެނީ އިނގިރޭސި ބަހުންނެވެ. "ބްލެކް" ހަދާފައި ވަނީ ލިޔުންތެރިޔާ ހެލެން ކެލާގެ 1903 ގެ ވާހަކަ "ދަ ސްޓޯރީ އޮފް މައި ލައިފް" އަށް ބިނާކޮށެވެ.

ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު މި ފިލްމު ސިނަމާތަކަށް އައީ ފެބްރުއަރީ 4، 2005 ގަ އެވެ.

"ބްލެކް" އަށް އެކި އެވޯޑް ހަފުލާތަކުން ޖުމްލަ 67 އެވޯޑް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އަމީތާބަށް ލިބުނު މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑާއި ފިލްމަށް ލިބުނު މޮޅު ކޮސްޓިއުމްގެ އެވޯޑް ހިމެނެ އެވެ. އިންޑިއާގެ އެންމެ މަޝްހޫރު އެވޯޑް ކަމަށްވާ ފިލްމުފެއާގައި "ބްލެކް" އަށް 12 އެވޯޑް ލިބުނެވެ. އޭގެ ތެރޭގައި މޮޅު ފިލްމާއި މޮޅު ޑައިރެކްޓަރާއި މޮޅު އެކްޓަރާއި ރާނީ އަށް ލިބުނު މޮޅު ބަތަލާގެ އެވޯޑް ހިމެނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއި ކަތިއަވާޅީ" އެވެ. އޭނަ މިހާރު އޮތީ އަންނަ އަހަރު "ލަވް އެންޑް ވޯ" ކިޔާ ފިލްމެއް ގެނެސްދޭން އިއުލާންކޮށްފަ އެވެ.

މި އަހަރު ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" ނެޓްފްލިކްސް އިން ގެނެސްދޭނެ އެވެ.