އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 3-1 އިން ލިވަޕޫލް ބަލިކޮށްފި އެވެ.
މި މެޗުން ބަލިވި ނަމަވެސް 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ އެއްވަނައިގަ އެވެ. ދެވަނައިގައި 49 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު ތިންވަނައިގައި 21 މެޗުން ލިބުނު 46 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަށްފަހު ވެސް އާސެނަލުން ދިޔައީ ރަނގަޅަށް ކުޅެ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލަކީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފަ އެވެ. މި ގޯލަކީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އަދި ލިވަޕޫލްގެ ކީޕަރު އެލިސަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މާޓިނެއްލީ ކާމިޔާބުކުރި ގޯލެކެވެ. އާސެނަލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ.
މި މެޗުގެ 88 ވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ދެވަނަ ރީނދޫ ކާޑު ކޮނާޓޭ އަށް ދެއްކީ އާސެނަލްގެ ރީސް ނެލްސަނަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑުން ވަނީ 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް ލީގުގެ ހަވަނަ މަގާމަށް އަރާފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެ ވުލްވްސް އަތުން 4-2 އިން ބަލިވެ ޗެލްސީ މިހާރު ވަނީ ލީގުގެ 11 ވަނަ އަށް ވެއްޓިފަ އެވެ.