ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި ސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުވަނީ ރާއްޖޭގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫނުދޭނެކަމަށްވެސް ވިދާޅުވެފައެވެ.