އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި އެކަން ކާމިޔާބުކުރާނެ ކަމަށެވެ.
"މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މި އަހަރު ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ވެސް ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުންސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި، އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދީފައިވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.