Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފި

ފޮޓޯ: ރައީސް އޮފީސް

ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި، މިއީވެސް ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފިސްކަލް ޑެފިސިޓް ކުޑަކޮށް މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒު ކަމަށް ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫއުތަކުގެ މަސައްކަތްތައް ބަހާލައި ރާވައިގެން ގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަމާޒަކީ މިހާރު މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ނިންމައި، މަޝްރޫޢުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމަށެވެ. މިއީ ޤައުމުގެ އިޤްތިސާދީ އަދި މާލީ މުސްތަޤްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން." ރައިސް މުއިއްޒު ވިދާޅުވިއެވެ.