Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ފުރަތަމަ 100 ދުވަހުގެ 78% ވައުދުތައް ފުއްދިއްޖެ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ފުއްދުމަށް ވައުދުވި ކަންކަމުގެ 78 އިންސައްތަ ވައުދު ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް އެކުލަވާލާފައިވާ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވައުދުތަކާއި 4 ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވައުދު ހިމެނިފައިވާ ކަމަށާއި މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ފުއްދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ %78 ފުއްދިފައި. އިރާދަ ކުރެއްވިއްޔާ މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން %100 ފުއްދޭނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން މިހާރު ގެންދަނީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަމަށް ޔޫ.އެން.ޑީ.ޕީ. އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.