Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޝަރުއީ ދާއިރާ ހިނގަނީ ސަރުކާރުގެ ނުފޫޒެއް ނެތި

ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުހާތަބުކޮށް ދެއްކި ވާހަކައިގައި، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ދަންނަވާފައިވާނެކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ހިފަހައްޓާނީ މި އުސޫލު ކަމަށެވެ.

"ބަދަލުހިފުމުގެ ރޫޙު އަޅުގަނޑު ނުގެންގުޅޭނެކަމަށްވީ ވަޢުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް. ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"17 ނޮވެމްބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް މަޖްލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

މި ބިލުގެ އިތުރުން މި ފެށޭ މަޖްލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތެރޭގައި ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމެނޭ. މީގެ އިތުރުން ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އަރބަން ޕްލޭނިންގއާ ބެހޭ ބިލް އަދި އަރބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލް ވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލުވެސް ހުށަހެޅުމަށް ނިންމާފައވާ ކަމަށާއި އަދި ކޮޕީރައިޓާއިގުޅޭ ހައްގުތަކުގެ ޤާނޫނު އިސްލާހުކުރުމަށް ބިލަކާއި ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ޤާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.