Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ސީޕްލޭން ހަބަކާއެކު އައްޑޫއަށް "އައްސޭރި ޓޫރިޒަމް"

އައްޑޫސިޓީ ހިތަދޫ / ފޮޓޯ: އައްޑޫލައިވް

ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީގައި "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއއްިޒު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިއުން ކަމަށެވެ. ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

މިގޮތުން ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު އެކުލަވާލެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.