Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރިޓަޔާކުރާ އުމުރު 75 އަށް މަތިކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ފަރާތްތަކަށް 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައިސް މުއިއްޒު ވިދާޅުވީ އިސްރަށްވެހީންގެ ތަޖްރިބާއާ ވިސްނުން މި ޤައުމަށް ބޭނުންވާ ކަމަށެވެ. ހިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވާއިރަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަރވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޢުމުރުން 65 އަހަރުވީ ނަމަވެސް ޚިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުޞޫލުން ވަޒީފާ ހަމަޖައްސައިދީ، ޢުމުރުން 75 އަހަރާ ހަމަޔަށް ޚިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވައިލާނެ ކަމަށެވެ. އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ޤާއިމުކުރަން ކެބިނެޓުން ނިންމާ، އެމަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

މިގޮތުން މާލޭގެ މި ފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއަރ ސެންޓަރު ރާއްޖޭގެ 3 ސަރަހައްދެއްގައި ޤާއިމު ކުރުމަށްވެސް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ.