މިހާރު އާދެވިފައި ހުރި ހިސާބަށް ދެވުނީ ލައްކަ ބުރަ މަސައްކަތުން ކަމަށާއި އެންމެ ފުރަތަމަ މަސައްކަތެއްކޮށްގެން އުޖޫރައަކަށް ލިބުނީ އެންމެ 50 ރުޕީސް ކަމަށް ސްޓާ ޕްލަސް އިން ގެނެސްދޭ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ގެ ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަތަލާ ރުޕާލީ ގަންގޫލީ ބުނެފި އެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވާ 46 އަހަރުގެ ބަތަލާ ބުނީ އޭނަގެ ބައްޕަ އަނިލް ގަންގޫލީ އަކީ ކުރިން ނުފޫޒު ގަދަ ޑައިރެކްޓަރަކަށް ވިޔަސް އާއިލާ އަށް މާލީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންވެ ކުރިން ދިރިއުޅުން އެހާ ފަސޭހަ ނޫން ކަމަށް ރުޕާލީ ބުންޏެވެ.
"އަހަރެން ހަނދާން އެބަހުރި ބައްޕަގެ ފިލްމެއް ނިންމަން ފައިސާ ލިބޭނެ ގޮތެއް ނެތިގެން ގެ މޯގޭޖްކޮށް، ގޭގައި ހުރި ގަހަނާއަކާއި ހުރިހާ ހަރުމުދަލެއް ވިއްކަން ވެސް ޖެހުނު ހާލަތަކަށް ދިޔަ." އޭނަ ބުންޏެވެ.
ރުޕާލީ ބުނި ގޮތުގައި އެ އުނދަގޫ ދުވަސްތަކުގެ ތެރޭގައި އޭނަ އަމިއްލަ އަށް މަސައްކަތްކޮށްގެން އާއިލާ އަށް އެހީވާން މަސައްކަތް ފެށި އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ތިއޭޓަ ޕްލޭއެއްގައި މަސައްކަތްކޮށްގެން އާމްދަނީއަކަށް ލިބުނީ އެންމެ 50 ރުޕީސް ކަމަށް ބުންޏެވެ.
"އެ ހަރަދު ވެސް ކުރީ ވަރަށް ބޮޑަށް ބަލައިގެން." މިހާރު އަނޫޕަމާގެ ކޮންމެ އެޕިސޯޑަކުން ތިން ލައްކަ ރުޕީސްގެ އާމްދަނީއެއް ލިބޭ އަދި އެންމެ ދަރިއެއް ހުރި ހުނަރުވެރި ބަތަލާ ބުންޏެވެ.
ދެހާސް ވިހީގެ މެދުތެރޭގައި ދައްކަން ފެށި "އަނޫޕަމާ" އަކީ ރުޕާލީގެ ކެރިއަރު މުޅިން ބަދަލުކޮށްލި އެއްޗެކެވެ. އެގޮތުން އޭނަ އަށް ނުލިބޭ ވަރުގެ މަޝްހޫރުކަމަކާއި ސަމާލުކަން އެ ސިލްސިލާގައ ދައްކަމުން އަންނަ މޮޅު އެކްޓިންއާ އެކު ލިބެން ފެށި އެވެ.
ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ރުޕާލީ މިހާތަނަށް ވަރަށް މަގުބޫލު ސިލްސިލާތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ބާބީ"، "ސަރާބީ ވާސަސް ސަރާބީ" އަދި އަދި "ސަންޖިވްނީ: އެ މެޑިކަލް ބޫން" ފާހަގަކޮށްލެވެ އެވެ.
ރުޕާލީގެ ބައްޕަ އަނިލް އަކީ "ކޮރާ ކާގަޒް" އާއި "ތަޕަސިއާ" އާއި "ޙާންދާން" އަދި "ޕިޔާރު ކޭ ގާބިލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.