މީޑިއާތަކުގެ ބްލެކްލިސްޓެއް މި ސަރުކާރުގައި ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާނީ ދެފުށް ފެންނަގޮތަށް ހާމަކަން ބޮޑުކޮށް ކަމަށެވެ. އަދި ނޫސްވެރިއަކަށް ވެސް ރައްޔިތަކަށް ވެސް ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މީޑިއާ ޔުނިޓްތައް އުފައްދައި، ނޫސްވެރީންނަށް މައުލޫމާތު ފޯރުކޮށްދޭކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާ ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އަދި އުންމީދަކީވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން ކަމަށެވެ. ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހުން އެއްމަހަކު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމް، ފަށާފައިވާކަން ފާހގަަކޮށް ރައީސް ވިދާޅުވީ ކޮންމެ 3 މަހުން 1 މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް މިމަހު ފަށާނެ ކަމަށެވެ.
ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ހުށަހެޅޭގޮތަށް ހާއްސަ ޕޯޓަލްއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހުށަހެޅުންތަކަށް ޖަވާބުދާރީ ވާނެ ކަމަށްވެސް ވިދާޅުވިއެވެ.