Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ނިމުމުން ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމުކޮށްފައިވާއިރު ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ބާރަކުންވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ޤާނޫނުއަސާސީއާއި ޤާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމު ކުރަންޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމެއްކަމަށާއި އަދި އެއީ ދައުލަތަށް ހެވަކަށް ވާނެކަމެއްވެސް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް." މަޖިލިސް ރައީސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ އެކަމާމެދު ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާ ސިޔާސީ ޕާޓީތަކާ މަޖިލީހުގެ މެންބަރުން ވިސްނައިވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަނީ ބޮއިކޮޓް ކޮށްފައެވެ. އެފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރީ މަޖިލީހުން އިތުބާރު ނެތްކަމަށް ކަނޑައެޅި ވަޒީރުންތަކަކަށް އަލުން މަގާމު ދިނުމާގުޅިގެންނެވެ.