އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަކީ އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމެއް ކަމަށާއި، މިއަހަރުވެސް އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް އަޅާލުން ދޭނެ ކަމަށެވެ.