Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދޯނިތަކަށް އެރުމާ ގުޅިގެން ކުއްލި މައްސަލައެއް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

މަސްދޯނިތަކަށް އިންޑިއާ ސިފައިންއެރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މަސް ދޯނިތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއެކު އެރި ވާހަކަ ދައުރުވަމުންދާކަމަށެވެ. އަދި ޖާސޫސީ މައުލޫމާތު އެއްކުރާ ބާވަތުގެ އެހެން އުޅަނދުފަހަރު ވެސް ރާއްޖޭގެ ސަރަހައްދާ ކައިރީގައި ސުވާލު އުފެދޭ ގޮތްގޮތަށް އުޅެމުންދާކަމަށް މީޑިއާގައި ދައުރުވަމުންދާކަމަށެވެ.

އެހެންނަމަވެސް މިކަމުގެ ސާފު މައުލޫމާތު ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތުން ރައްޔިތުންނަށް ހިއްސާނުކޮށް ތިބުމުން އާންމުންގެ ތެރޭގައި ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަން ފެތުރެމުންދާކަމަށެވެ.

މީގެއިތުރުން ވަހީދު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތާއި ސިޔާދަތާއި މިނިވަންކަމާއި ހަމަޖެހުމާއި އިސްތިގުލާލު އަދި އާންމުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް މިފަދަ ހުތޫރަތްތެރި މައްސަލައެއްގައި މިއަދުގެ ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދީ އަޅާނުލައި ހިމޭނުން ތިބުމަކީ، ހަވާލުވެފައިވާ ގާނޫނީ ބޮޑު ޒިންމާއިން ރެކުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ވަނީ ބޭރުގެ ސިފައިން މަސްދޯނިތަކަށް އެރި މައްސަލައިގައި ސަރުކާރުން ވީއެންމެ އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.