އިންޑިއާގެ ދެކުނުގެ މަޝްހޫރު އެކްޓަރު ޔާޝް ދާދި ފަހުން އިއުލާންކުރި ފިލްމު "ޓޮކްސިކް" ގެ ރޯލެއް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ އެކްޝަން ތުރިލާ އިން 58 އަހަރުގެ އެކްޓަރަށް ހުށަހެޅީ އެކްސްޓެންޑެޑް ކެމިއޯއެއް ކަމަށާއި މިއީ ކުރު ނަމަވެސް ފިލްމުގެ ވަރަށް ވަރުގަދަ ރޯލެއް ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި މިހާރު އިތުރަށް މަޝްވަރާތައް ކުރިއަށްދާ އިރު "ޓޮކްސިކް" ގެ ޓީމުން މިހާރު އިންތިޒާރު ކުރަނީ ޝާހްރުކް ގޮތެއް ނިންމާނެ އިރަކަށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މީގެ ކުރިން ވެސް ޝާކްރުކް އެކިއެކި ފިލްމުތަކުގެ ފެނިލުންތަކުގައި ހިއްސާވެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3" އެވެ. ޝާހްރުކް މިދިޔަ އަހަރު ތިން ބްލޮކްބަސްޓާ ގެނެސްދިނެވެ. އެއީ "ޕަތާން" އާއި "ޖަވާން" އަދި "ޑަންކީ" އެވެ.
"ޓޮކްސިކް" ގެ ރޯލެއް އޭނަ އަށް ހުށަހަޅާފައިވާކަމުގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، މިދިޔަ މަހު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ބަތަކާ ރޯލު ކަރީނާ ކަޕޫރަށް ހުށަހަޅާފައިވެ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
"ޓޮކްސިކް" އަކީ ގީތޫ މޯހަންދާސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މީގެ ބަތަލު ޔާޝް އަކީ އާންމުކޮށް ކަންނާޑާ ފިލްމުތައް ކުޅޭ އެކްޓަރެކެވެ. އޭނަ އާންމުންްގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވީ 2018 ގެ "ކޭޖީއެފް: ޗެޕްޓާ 1" އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ނިތޭޝް ތިވާރީ، ރަންބީރް ކަޕޫރާ އެކީ ހަދަން ތައްޔާރީތައް ވަމުން އަންނަ "ރާމާޔަން" ޓްރިލޮޖީގައި ޔާޝް ހިމެނެ އެވެ.