Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ސާޖިދާގެ ލިސްޓަކަށް ފްލެޓް ދޭ ވާހަކަ ދޮގުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ދެއްވާ ލިސްޓަކަށް ފްލެޓް ބަހަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ރައީސް ދޮގު ކުރައްވައިފި އެވެ.

ރައީސް މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްލެޓްފޯމުގައި އާންމުންގެ މީހަކު ކުރި ސުވާލެއްހެ ޖަވާބުގައި ވިދާޅުވީ އެ މަނިކުފާނުގެ އަނބިކަނބަލުންނާ ފްލެޓް ދިނުމާ ބަޔަކު ގުޅުވަނީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ކަމަށެވެ.

އެހެންވެ ދެއްވާ ޔަގީން ކަމަކީ އެ މަނިކުފާނު ވިޔަސް، އަނބިކަނބަލުން ކަމަށް ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަނެވޭނެކަން ކަމަށެވެ.

"އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނަން،" ރައީސް ވިދާޅުވި އެވެ. "އެއީ ގެދޮވެރިކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ހައްގެއް ކަމަށް ވިޔަސް އެ ހައްގަކުން މަހުރޫމް ކުރަން އެއްވެސް ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން."

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ކަމެއް ވެސް ކުރާނީ އިންސާފުވެރިކޮށް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އެ ކަންކަމަށް ނުފޫޒު ފޯރުވަން ޖާގަ ނުދީ އެފަދަ ކަމެއް ކުރާ ނަމަ އެ މަނިކުފާނު ވަގުތުން އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.