ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މުޅިން އާ ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ދަރުމާގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓުން އަންނަ މަހުގެ 14 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ސީރީޒަކީ ހަ ސެގްމަންޓްގެ "ލަވް ސްޓޯރިޔާ" އެވެ. އެ ނަން ނަގާފައި ވަނީ ދަރުމާގެ 2022 ގެ ފިލްމު "ބުރައްމަސްތުރާ" ގެ މަގުބޫލު ލަވަ "ކޭސަރިއާ" ގެ ޅެމުންނެވެ.
ލޯބީގެ ތަފާތު އެކި ރަހަތައް އެކުލެވޭ "ލަވް ސްޓޯރިޔާ" ގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ ކޮލިން ޑި ކަންހާ، އަކްޝޭ އިންދިކާރް، އަރްޗަނާ ޕަޅްކޭ، ހާޑިކް މެހެތާ، ޝާޒިއާ އިބްގާލް އަދި ވިވެކް ސޯނީ އެވެ.
ދަރުމާ އިން ކުރިން ގެނެސްދިން ސީރީޒްތަކުގެ ތެރޭގައި ނެޓްފްލިކްސް އަށް ދޫކުރި މަދޫރީ ޑިކްސިޓްގެ "ދަ ފޭމް ގޭމް" ގެ އިތުރުން "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ހިމެނެ އެވެ. އެ ސްޓޫޑިއޯ އިން އަންނަނީ "ޝޯޓައިމް" ގެ ނަމުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ވެސް ސީރީޒެއް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެއީ އިމްރާން ހާޝިމީ ލީޑްކުރާ އެއްޗެކެވެ.
ދަރުމާގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ ކަރަން ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އެތަނުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 15 އަށް ތާވަލުކޮށްފައި އޮތް "ޔޯދާ" އެވެ.