Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ޑާކް ރެއިން "ބޮޑު ފަޅާލުމަކަށް" ތައްޔާރު!

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓައިންމަންޓުން ބޮޑު ކަމެއް އިއުލާން ކުރަން ތައްޔާރުވެއްޖެ އެވެ.

އެ ސްޓޫޑިއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ އެކަން އިއުލާން ކުރާނީ އަންނަ ބުރާސްފަތީގައި ކަމަށެވެ. އެ ނޫން އެއްވެސް ތަފުސީލެއް މިކަމާ ގުޅޭ ގޮތުން ދީފައެއް ނުވެ އެވެ. އެކަމަކު މިކަން ހާމަކުރި ޕޯސްޓުން ޝައުގުވެރި މަންޒަރެއް ފެނެ އެވެ. އޭގައި ފެންނަނީ ހަންޖަރެއް ހިފައިގެން ހުންނަ މީހެކެވެ. އެކަމަކު ވާން މި އުޅެނީ ކިހިނެއް ކަމެއް ނޭނގެ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ގެނެސްދިން ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. އެ ފިލްމު މި މަހުގެ 14 ގައި މީޑިއާނެޓް މެދުވެރިކޮށް ސްޓްރީމިން އަށް ވެސް ދޫކޮށްލަން އޮތީ ނިންމައިފަ އެވެ.

މިދިޔަ މަހުގެ 1 ގައި ބައިސްކޯފަށް "ޑާކް ރެއިން ކްރޮނިކަލްސް" ގެ ސީޒަން ދޭއް ވެސް ދޫކޮށްލި އެވެ. ޖުމްލަ 9 އެޕިސޯޑް ހިމެނޭ އެ އެންތޮލޮޖީ ހަތަރު އެޕިސޯޑެއް މިހާތަނަށް ގެނެސްދީފައިވެ އެވެ.

ޑާކް ރެއިނުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން އޮތް ފިލްމަކީ މި އަހަރުގެ ޖޫން އަށް ތާވަލުކޮށްފައި އޮތް ރިވެންޖް ތުރިލާ "ފުރޭތަ" އެވެ. އެތަނުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އާ ހަ ޕްރޮޖެކްޓެއް ވެސް އިއުލާންކުރި އެވެ. އޭގެ ތެރޭގައި ހިމެނޭ ހޮރޯ ކޮމެޑީ "ބިބީ" ގެ މަސައްކަތް އޮތީ ފަށައިފަ އެވެ.